މާލޭގެ މަގުތަކުގައި ފެންބޮޑުވެ މިހާލަތަށް ދިޔައީ ސަރުކާރުން ފަރުވާ ކުޑަވުމުން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ޢައްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މި މައްސަލައިގައި މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓާ ސިސްޓަމް މެނޭޖް ކުރުން ކައުންސިލްގެ ބެލުމުގެ ދަށުގައި ނޯންނަ ކަމަށާއި އެ ސިސްޓަމް މެނޭޖް ކުރަނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

"އެ ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރާނަމަ މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި އެހާ ގިނަ އިރުވަންދެން ނޯންނާނެ" މޭޔަރު ވިދާޅުވި އެވެ.

"ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕުތައް ސްވިޗު އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަކަމެއް. އަދި ކިރިޔާ ޕަމްޕުތައް ޖެއްސުނީ؟ މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައި." މުއިއްޒުގެ ޓްވީޓުގައިވެ އެވެ.

ފެން ނުހިނދި ގިނަ އިރުތަކެއް ވެފައިވާއިރު ވެގެން އުޅޭގޮތެއް ބެލުމަށް ޕްލޭނިން މިނިސްޓްރީއަށް ކައުންސިލުން ގުޅި ކަމަށާއި ނަމަވެސް މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ފޯނު ނުނަގާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ މަގުތަކުގައި ގެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޯކޮށް ވާރޭވެހި ދާދި ފަހުން ސަރުކާރުން ހެދި ކަނބާ އައިސާރަނި މަގާއި އަމީނީމަގުގެ ބައެއްގައިވެސް ވަނީ ވަރަށް ބޮޑަސް ފެންބޮޑުވެފަ އެވެ.