ހަތަރު ރަށެއްގައި ރީޖަނަލް ހޮސްޕިޓަލް އެޅުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާއާ) އާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް މިރަސްމިއްޔާތެއްގައި ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ރ. އަލިފުށީގައި ރީޖަނަލް ފެންވަރުގެ ހޮސްޕިޓަލް އެޅުމަށް ވަނީ ސޮއިކޮށްފަ އެވެ.

މީގެ އިތުރުން 2026 އިން 2027 އަށް ދެގައުމުގެ ދެމެދުގައި ތަރައްގީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައްޗަށް ވެވުނު އެއްބަސްވުމަކާއި، ޗައިނާގެ އެހީގައި ބިނާކޮށްފައިވާ ދާރުލް އާސާރާއި، ލައިބްރަރީ މަރާމާތުކުރުމުގެ އެއްބަސްވުމުގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާއާއެކު އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި މި މަސައްކަތްތަކާއެކު ކުރިއަށް އޮތްތަނުގައި ވެސް ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި މިއަދު އެހީތެރިކަން ފޯރުކޮށް ދެނީ، އެންމެ ގައުމަކުން ނޫން ކަމަށާއި ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެގެ އެހެން ގައުމުތަކާއި ރާއްޖެއާ އޮތް ގުޅުން ބަދަހިވެ، މުޅި ދުނިޔެއާއި ރާއްޖެ ލާމެހިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.