ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަކީ މުހިންމު ބޭފުޅެކެވެ. ގާސިމް އަކީ މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއް ކާމިޔާބު ކޮށްދެއްވި ބޭފުޅާއޭ ބުނުމުން މުޅީން ދޮގަކަށް ނުވާނެ އެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވިގެން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބު ކުރެވުނީ އެމަނިކުފާނުގެ ފަހަތްޕުޅަށް ގާސިމް އަރާވަޑައިގަތުމުންވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ޑިމާންޑް ވަރަށް ބޮޑުވެ އެވެ. އެއްވެސް ރިޔާސީ އިންތިހާބެއް އެއްވެސް ޕާޓީއަކަށް ގާސިމް އާ ނުލައި ކާމިޔާބު ކުރެވޭ ކަމަކަށް ވެސް ނުވެ އެވެ. އެހެންވެ "ކިންމޭކާ" އަށް ގާސިމް ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި ގާސިމް އަށް ލިބިވަޑައިގަތީ 27،056 ވޯޓެވެ، އެއީ 15.32 އިންސައްތަ ވޯޓެވެ. 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އަށް ލިބިވަޑައިގަތީ 48,131 ވޯޓެވެ އެއީ 23.3 އިންސައްތަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކީން ވާދައެއް ނުކުރެ އެވެ. އޭރު ޖޭޕީ އޮތީ އެމްޑީޕީއާއެކު ގިނަ ޕާޓީތަކެއް އެކުލެވޭހެން ކޯލިޝަން ހަދާފަ އެވެ.

މި ނަތީޖާތަކަށް ބަލާއިރު ޖޭޕީއަށް ކޮންމެ ވެސް ވަރެއްގެ އުންމީދެއް އެބައޮތެވެ. އަދި ގާސިމްގެ އެ ހުވަފެން މިފަހަރު ހަގީގަތަކަށް ވެދާނެ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ގާސިމްއަށް ފައިދާތަކެއްވާނެ ކަމަށް ހީކޮށް ކޮންމެ ރިޔާސީ އިންތިހާބަކު ވެސް ކޯލިޝަން ހަދައިގެން އާޚިރުގައި "ދޯކާ" ލިބެނީ ގާސިމް އަށެވެ. 2008 ގައި ވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން، ދައުރުގެ ފުރަތަމަ 21 ދުވަހު ގާސިމް ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އެވެ. އަދި 2013 ގައި ރައީސް ޔާމީންއާއެކު ކޯލިޝަން ހައްދަވައިގެން ވެރިކަމަށް ވަޑައިގެން ކޯލިޝަނުން ބޭރުކޮށްލީ އެކަންޏެއް ނޫނެވެ، ގާސިމް ޖަލަށް ވެސް ލެއްވި އެވެ، އަދި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަތީ ދައުރު ނިމެންދެން ޖަރުމަނުވިލާތަށް އަރުވާލެވިގެންނެވެ.

އޭގެ ފަހުން އެންމެ ފޮނި އުންމީދާއެކު މިދިޔަ 2018 ވަނަ އަހަރު ގިނަ ޕާޓީތަކަކާއެކު ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހައްދަވައިގެން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ގާސިމްއަށް ޖެހުނީ ހަމަ އެ ޖެހުނުތަނުގަ އެވެ. ހުދު ގާސިމް އަމިއްލަ ފުޅަށް ވެސް އެ ވާހަކަ ވިދާޅުވެ އެވެ.

މިސަރުކާރު ވެރިކަމަށް އައީ ޕާޓީތަކާއެކު އެއްބަސްވުމެއް ހަދައިގެންނެވެ. އެކަމަކު އެ އެއްބަސްވުމާ ރައީސް ސޯލިހު ހިލާފްވެވަޑައިގެންފައިވާ ކަމަށް ގާސިމް މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ގާސިމް ވިދާޅުވީ އަބަދުވެސް ފެންނަމުން މިދަނީ ވެރިކަމަށް ބަޔަކު އައިސް ކޯލިޝަންގެ ވިސްނުންތަކަށް ބަދަލު އަންނަ ތަން ކަމަށާއި ކޯލިޝަންގެ އެއްބަސްވުމާ ރައީސް ސޯލިހު ވެސް ހިލާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޖޭޕީއަށް އަބަދުވެސް ކުރެވެމުން ދިޔައީ މި ތަޖުރިބާތައް ކަމަށް ގާސިމް ވިދާޅުވި އެވެ.

2018 ވަނަ އަހަރު ހެދި ކޯލިޝަން ޕާޓީތަކުން ބޭއްވި ބައްދަލުވުން

އެހެންވެ މިފަހަރު ޖޭޕީން ވަނީ އެ ޕާޓީ ވަކީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި އެވެ.

މިފަހަރު މިއޮތީ "ކިންގްމޭކާ" ގެ ފަހަރު ކަމަށް ވުން އެކަށީގެންވެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރަން ވަނީ ނިންމާފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މިހާރު ވަނީ ގާސިމް ހަމަޖައްސައިފަ އެވެ.

ރިޔާސީ އިންތިހާބަށް ގާސިމް ވަކިން ވާދަކުރަން ނިންމާފައިވާތީ އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ގާސިމްގެ މުހިންމުކަން މި ދަނީ ފެންނަމުންނެވެ. ގާސިމްއާ ބައްދަލު ކުރައްވާ ސިޔާސީ ބޭފުޅުން ވެސް އަންނަނީ ގިނަވަމުންނެވެ.

ޖޭޕީ އިން ވަކީން ވާދަކުރަން ނިންމުން ވެފައި ވަނީ ރައީސް ސޯލިހަށް އޮތް ބޮޑު ގޮންޖެހުމަކަށެވެ. އެކަމާ ރައީސް އިންކާރު ކުރެއްވިޔަސް އެއީ ހަގީގަތެވެ. އަދި އެއަށް ވުރެ ބޮޑަށް އެމްޑީޕީގެ ރައީސް ނަޝީދު ގާސިމް އާއެކު ރިޔާސީ އިންތިހާބަށް ކުރައްވަމުން އެގެންދަވާ މަސައްކަތް ވާނީ ވަކިން ބޮޑު ބޮލު ރިހުމަކަށެވެ.

ރައީސް ސޯލިހުއަށް ތާއިދުކުރެއްވުމަށް އެމަނިކުފާނު ވަނީ ޖޭޕީ ވެސް ހިމެނޭހެން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ. އެހެންނަމަވެސް ގާސިމް އެ ދައުވަތު ގަބޫލެއް ނުކުރެއްވި އެވެ.

ގާސިމްގެ މިނިންމެވުމާއެކު ރައީސް ސޯލިހު ވެސް ގާސިމްއާއެކު މަޝްވަރާ ކުރެއްވި އެވެ. އަދި އެތައް ބައްދަލުވުންތަކެއް ބޭއްވެވި އެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ. ގާސިމް ހުންނެވީ ގޮތުގައި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް ނަޝީދު ވަކި ފެކްޝަނެއް އުފައްދަވައިގެން ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވަން ކުރައްވާ މަސައްކަތުގެ ތެރެއިން އެމަނިކުފާނު ވެސް ވަނީ ގާސިމްއާއެކު މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދާއެކު ރިޔާސީ އިންތިހާބަށް މިހާރު ޖޭޕީން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލުމާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ. ނަމަވެސް އެކަން އަދި ރަސްމީއެއް ނުކުރެ އެވެ. ޖޭޕީން އޮތީ އެޕާޓީގެ ނިންމުމާއެކު ވަކިން ވާދަކުރާށެވެ.

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ މިރޭ ބޭއްވެވި ބައްދަލުވުން: ފޮޓޯ ހުރިހާ

ކޮންމެ ގޮތެއްވިޔަސް މިފަހަރު ޖޭޕީން ނިކުމެ އޮތީ ގާސިމް ރާއްޖޭގެ ރައީސް ކަމަށް ގެނައުމަށެވެ. ވާންޖެހުނު ކޮންމެ ގުރުބާނީ އެއްވެސް ވާން ޖޭޕީ އޮތީ ތައްޔާރަށެވެ. ގާސިމް ވެސް މަސައްކަތް ކުރައްވަނީ މިފަހަރު އެމަނިކުފާނުގެ އެ ހުވަފެން ހަގީގަތަކަށް ހެދޭތޯ އެވެ. މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މިފަހަރު މިއީ ގާސިމްގެ ރަނުގެ ފުރުސަތު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ގާސިމް އަރިހުގައި ވެސް ތިއްބެވީ އެފަދަ ތަޖުރިބާކާރު ބޭފުޅުންތަކެއް އެބަ އުޅުއްވަ އެވެ.

އެކަމަކު މާޒީގެ ތަޖުރިބާއަށް ބަލާ ގާސިމް ވެސް ވިސްނާލައްވަން ޖެހިވަޑައިގަންނަވާ އެއްކަންތައް އެބައޮތެވެ، އެއީ މިވަރުބޮޑު ކަމަކަށް ނިކުންނަވާއިރު އަރިސްބޭފުޅުންގެ ގޮތުގައި އިހުލާސްތެރި ތެދުވެރީން ގާތް ކުރުމެވެ. އެހެން ނޫނީ ލިބޭނީ މާޒީގައި ވެސް ލިބުނު "ދޯކާ" އެވެ.