އެންމެން ބައިވެރިކޮށްގެން ކޯލިޝަނެއް ހެދުމުގެ ފުރުސަތު ބޮޑު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުންއާއެކު މިރޭ ބޭއްވި ތިން ވަނަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ވަނީ ނިންމަވާފަ އެވެ. ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ގާސިމް ވަނީ މީގެ ކުރީން ހަތަރު ސިޔާސީ ޕާޓީއަކާއި އިންތިހާބު ވާދަކުރައްވަން ނިންމަވާފައިވާ ދެ ބޭފުޅަކަށް އެ ޕާޓީއާއެކު ކޯލިޝަން މަޝްވަރާ އަށް ދައުވަތު ފޮނުވާފަ އެވެ. އެ ދައުވަތު ދެއްވީ ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން އެމްއާރްއެމް އާއި އެމްއެންޕީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރަށެވެ. އަދި އެމްޓީޑީއަށް ވެސް މިހާރު ވަނީ އެ ދައުވަތު ދެއްވާފަ އެވެ.

ޖުމްހޫރީ ޕާޓީން މިރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކު ބައްދަލުކުރަނީ. ފޮޓޯ: ޖޭޕީ

އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ހުރިހާ ޕާޓީތަކަކާއެކު ވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށާ އެ ޕާޓީއަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ޕާޓީއެއް ކަަމަށެވެ. މަޝްވަރާތަކުގެ ނަތީޖާއިން ދެން ކުރިއަށްދާން ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ގާސިމްގެ ފަލްސަފާއަކީ ހުރިހާ އެންމެން ބައިވެރިކޮށްގެން ސަރުކާރެއް އެކުލަވާލުމެވެ. އަދި އެ ފުރުސަތު އެންމެ ފަހިކޮށް އޮތީ ވެސް ގާސިމަށެވެ. އަދި ފުޅާ ކޯލިޝަނެއް ހެއްދެވޭނެ އެ ނޫން ދެވަނަ ބޭފުޅަކު ނެތް ކަަމަށް ވިދާޅުވެ ރައީސް ސޯލިހަށް ނުސީދާކޮށް ފާޑު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ނޫސްތަކުގެ ސުރުހީތަކުގައި ކޮންމެ ވާހަކައެއްވެސް ލިޔުއްވިދާނެ އެވެ. ނަމަވެސް ގިނަ ޕާޓީތަކާއެކު ކުރިއަށް ދިއުމުގެ ގާބިލްކަން އެންމެ ބޮޑު ބޭފުޅަކީ ގާސިމެވެ. އަދި އެންމެ ގިނަ ބަޔަކު އެއްކުރެވޭނެ ބޭފުޅަކީ ގާސިމެވެ.

ޖުމްހޫރީ ޕާޓީ އޮތީ ކޮންމެ ބަޔަކަށް ވެސް ހުޅުވާލެވިފައި ކަމަށާ މަޝްވަރާ ކުރުމަށް ވެސް ތައްޔާރަށް ކަމަށް އަމީން ވިދާޅުވި އެވެ. އަދި މަޝްވަރާތަކުގެ ނަތީޖާއަށް ދާން ފެން ޖޭޕީއަށް ވަރަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ދަތުރުކުރެވޭ މިސްރާބަށް ބަލައިފި ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި އެއް ކެންޑިޑޭޓަކަށް ފުޅާ ނުވަތަ ވައިޑާ ކޯލިޝަނެއް ހެދޭ ކަމަށް ވަނީ ވިއްޔާ އެކަން ކުރެވުމުގެ ފުރުސަތު އެންމެ ބޮޑީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް،" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކު ބައްދަލުކުރަނީ. ފޮޓޯ: ޖޭޕީ

މިހާރު ޖޭޕީ ދަތުރުކުރަމުންދާ މިސްރާބުން އެއް ކެންޑިޑޭޓަކަށް ފުޅާ ކޯލިޝަނެއް ހެދުމުގެ ގާބިލުކަން ހުރީ ގާސިމް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ގިނަ ބައެއްގެ އިތުބާރު ހިފޭ ބޭފުޅަކީ ވެސް ގާސިމް ކަމަށް އަމީން ވިދާޅުވި އެވެ.

"ދެންވެސް ސިޔާސީ މިކަހަލަ މަސައްކަތެއް ކުރާ އިރެއްގައި އަޅުގަނޑަށް ހީވަނީ އެންމެ އިތުބާރު ހިފޭ ބޭފުޅަކަށް ވާނީ ގާސިމް އިބްރާހިމޭ. އެހެންވީމަ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ގޮވައިގެން ގިނަ ޕާޓީތައް ބައިވެރިިކޮށްގެން ގިނަ ސިޔާސީ ލީޑަރުންނާ ސިޔާސީ މަސައްކަތުގަައި ހަރަކާތްތެރިވާ ބޭބޭފުޅުން އެއްކޮށްގެން އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް ވައިޑާ ކޯލިޝަނެއް ނުވަތަ ފުޅާ ކޯލިޝަނެއް ހެދުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ގާސިމް އިބްރާހިމަށް،" އަމީން ވިދާޅުވި އެވެ.