މި ރޯދަމަހުގެ ފަހު ދިހައިން ފެށިގެން ޝައްވާލް މަހުގެ ހަރޯދަ ނިމެންދެން ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހަސަން ކުރުސީ ނަމަކަށް ކިޔާ ޓުވިޓާ އެކައުންޓުން ފަށާފައިވާ މި ޕެޓިޝަނުގައި ބުނެފައިވާގޮތުން މިއީ، ރައީސް ޔާމީން، އެމަނިކުފާނުގެ އާއިލާއާ، ލޯބިވާ ފަރާތްތަކާ އެކު ރޯދަމަހުގެ ފަހު 10 އާއި ފިތުރު އީދުގެ އިތުރުން ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށްޓަކައި ގޭބަންދަށް ބަދަލުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި، ހޯމް މިނިސްޓަރު އިމްރާން އަށް ފޮނުވާ ޕެޓިޝަނެއް ކަމަށެވެ.

މި ޕެޓިޝަން އެކުލަވާލަމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް، ދިގު މުއްދަތަކަށް ގެއަށް ބަދަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރައީސް ޔާމީން މީގެ ކުރިންވެސް ދެ އަހަރު ދުވަސްވަންދެން ޖަލުގައި ހޭދަކުރައްވައި އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރައްވާފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އެމަނިކުފާނު މިވަގުތު ވެސް ޖަލުގައި ހޭދަކުރައްވަމުން ގެންދަވަނީ ބޭއިންސާފު ހުކުމެއްކަން ފާހަގަކޮށް، ރައީސް ޔާމީން ގެއަށް ބަދަލުކުރުމުން އެއްވެސް މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ޕީޕީއެމް އިން ކަންބޮޑުވުމުން ފާޅުކުރަމުން ދަނިކޮށް، ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.