ނޫމަޑި މައްސަލާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާންދިނުމުގެ ދައުވާގެ ޝަރީއަތުގެ އަޑުހުންތައް ނިންމާލައި ހުކުމްކުރަން ތައްޔާރުވެއްޖެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލައިގައި މިއަދު ވަނީ ހުލާސާ ބަޔާންއިއްވާފަ އެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައި ވަނީ ޝައްކެއް ނެތް މިންވަރަށް މުއިއްޒުގެ މައްޗަށް ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ދިފާއުން ވަނީ އެކަމަށް އިންކާރުކޮށް މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ބުނެފަ އެވެ.

މި މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން ބަންދު ދުވަސްތައް އުނިކުރުމަށްފަހު 15 ދުވަސް ތެރޭގައި ތާވަލުކުރާނެ ކަމަށެވެ.