ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ތިން މަހަށް ޖަލަށް ލާން ނުވަތަ ގޭ ބަންދުކުރުމަށް ވަގުތުން ހުކުމް ކުރެވޭގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް ދެކޮޅުހަދަމުންގެންދާ މައްސަލަތައް ގިނަވުމުންނެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ ހެއްކާބެހޭ ގާނޫނުގައި ހެކިބަސް ދިނުމަށް ލާޒިމު ކުރެއެވެ. ގާނޫނުގެ ދަށުން ހެކިބަސް ދޭން އެންގުމާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބާރު އޮންނަނީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދުގައި ހެކިބަސް ދިނުމަސް ހާޒިރުކުރާ ހެކިވެރިޔާ ހެކިބަސް ދިނުމަސް ދެކޮޅު ހަދާނަމަ، ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮވެ އެވެ. އަދި ޖިނާއި މައްސަލައެއްގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރުމުގެ ބާރު އެ ގަވާއިދުގައި އޮވެ އެވެ.

އަދި އެފަދަ މީހުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެހެންނަމަވެސް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅެނީ އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެކިބަސް ދިނުމަށް ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވާ ހެކިބަސްނެގުމަށް ހާޒިރުކުރެވޭ މީހުންނަށެވެ.

މިއީ ރާއްޖޭގައި މިފަދަގޮތަކަށް އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މީހަކު ހެކިބަސް ދިނުމަށް ދެކޮޅު ހެދިނަމަވެސް މިފަދަ އަދަބެއް ނުދެ އެވެ.