ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޚަރަދުތަކުގެ ވާހަކަ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދައްކަވަން ފެށުމުން އެމްޑީޕީ މެމްބަރުންގެ މެދުގައި ޒުވާބު ހިނގައި މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމް ދާއިރާގައި މެނޭޖަރު ފެންވަރުގެ ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރައްވަމުން ހަރަދުތަކުގެ ވާހަކަ ދައްކަވަމުން މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާގެ މަގުން ދިވެހި ދައުލަތުން ވަކި ބޭފުޅަކަށް ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ އޮބި އޮންނަވަރު ކަމަކަށް ނުވާނެ ކަމަށެވެ.

ހުސައިން ވިދާޅުވީ ހަރަދު ކުރައްވާ ބޭފުޅުން ހަރަދު އިގްތިސާދު ކުރައްވަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ ވަރަށް ކުޑަ އެއްޗެއް ކަމަށާއި، ދައުލަތުން ހަރަދުކޮށްގެން ބަލަހައްޓާ ބޭފުޅަކު ކުރާ ހަރަދުތައްވެސް ވެސް ބަލައިލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވަހާކަތަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަަޝީދު (ބޮންޑޭ) ވިދާޅުވީ ހުސައިން ޝަހީމް އެވިދާޅު ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީގެ ހަރަދުގެ ވާހަކަ ކަމަށެވެ. ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި ބޭފުޅަކު މަރައިލަން ބޮމެއް ގޮއްވާލީމާ، ސެކިއުރިޓީ ދިނުމުން އެއީ ހަރަދު ބޮޑު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކަވަނީ އަނެއްކާ ވެސް މަރައިލަން އެފަދަ ހަމަލައެއް ދޭން ކަމަށް ބޮންޑާ ތުހުމަތު ކުރެއްވި އެވެ. އަދި އެ މެމްބަރު މިހާރު ތަހުގީގުކުރާ ހިސާބަށް ގޮސްފި ކަމަށް ވެސް ބޮންޑަ ވިދާޅުވި އެވެ.

އަނދުން ހުސެން އަށް ރައްދު ދެއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މެމްބަރު ހުސައިން ވަކާލާތު ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދަށް ރައްކާތެރިކަން ނުދިނުމަށް ކަމަށެވެ.

އިންތި ވިދާޅުވީ އެއީ ބަހުސްގެ މައުލޫއެއް ވެސް ނޫން ކަމަށާ އަނެއްކާ ވެސް އެ ހިއްވަރު ދެއްވަނީ އަވަހާރަ ކޮށްލައްވަން ކަމަށެވެ.