ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުން މިއަންނަ ހޯމަ ބޭއްވުމަށް ނިންމައިފި އެވެ.

މިދިޔަ ހނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއާ ވާދަކޮށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ޝާޒް ހުވާ ކުރުން އޮންނާނީ ހޯމަ ދުވަހު ހެންދުނު 10:30 ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެއާ އެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަށް އަރާނެ އެވެ.

އިބްރާހީމް ޝާޒަށް ލިބުނީ 1346 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އަށް ލިބުނީ 1226 ވޯޓެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރަގައި ހިމެނެނީ ގުރައިދޫގެ އިތުރުން ގުޅި އާއި މާފުއްޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ތިން ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.