ރައީސް ޔާމީންކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށާ އެހެން ކެންޑިޑޭޓެއް ނެރެން ވާހަކަ ދައްކަންނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރެން ވާހަކަ ދައްކާކަށް ނުޖެހޭ ކަމަށެވެ. ޕީޕީއެމްގެ ކެންޑީޑޭޓަކީ ރައީސް ޔާމީން ކަމަށާ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ މިހެން ވިދާޅުވި އިރު ޕީޕީއެމްގެ މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދައިދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ޕީޕީއެމްއިން ވަނީ ބަލަން ފަށާފަ އެވެ.

އަދުރޭ ވިދާޅުވީ މިވަގުތު ޕީޕީއެމް ޕީއެންސީ ދެޕާޓީގެ މެދުގައި ވެސް ރިޔާސީ ޓިކެޓާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ހާލަތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ރައީސް ޔާމީނަށް ޓިކެޓް ހަވާލުކޮށްއިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އަށް އަދި ކެންޑިޑަސީ ނުގެއްލޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެގޮތަށް ބުނެފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިހާރުވެސް ޕީޕީއެމްއިން ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންގެންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް ރައީސް ޔާމީން އާއި ބައްދަލުކުރެވޭ ބޭފުޅުން އެމަނިކުފާނާ ބައްދަލުކޮށް މެނިފެސްޓޯ ލިޔުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މި ރޯދަމަސް ނިމުމާއި އެކު ކެމްޕެއިން ދަތުރުތައް އަތޮޅުތަކަށް ފަށަނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.