ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ވާ ހާލަތްތަކެއް ހިމަނައި ގާނޫނަށް އިސްލާހުކުރަން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރަން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ވިޔަފާރިތަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ. އެކަމާ އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ކުނިމެނޭޖް ކުރުމުގެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހަށް ބަހުސްކުރެއްވުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިހަފްތާގައި މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށް މެންބަރުން ވަޑައިގަތުމުގެ ކުރިން އެމަސައްކަތް ނިންމުމަށް ވަނީ ނިންމާފަ އެވެ. އިދިކޮޅު މެމްބަރުނާއި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވެސް މި އިސްލާހު އަވަހަށް ފާސްކުރުމަށް ވަނީ ގޮވާލާފަ އެވެ.

ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އެވެ. ސަރުކާރުން ވިދާޅުވީ މި އިސްލާހު ފާސްވުމުން، ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށެވެ. ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އެންވަރަމެންޓް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.