ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ތައްޔާރުވުމަށް ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތު ނުލިބި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށްގެންދާތީ އެ މަނިކުފާނު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފުއްގިރި މައްސަލާގައި މިއަދުވެސް އޮތީ އިފްތިތާހީ ބަޔާން އިއްވުމެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި ހަމަޖެހިފައިވަނީ އިފްތިތާހީ ބަޔާން އިއްވުމެވެ. އެހެން ނަމަވެސް އެ ދުވަހުގެ ޝަރީއަތް ފަސް ކޮށްފައި ވަނީ އެމައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ޔާމީން ވިދާޅުވުނުންނެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވިދާޅުވީ ކުރީ ދުވަހުގެ ޝަރީއަތަށް ފަހު ހަފުތާ ބަންދު ދުވަސްތަކެއް ދިމާވުމުން ކަރެކްޝަންސްގެ އުސޫލު އޮންނަ ގޮތުން ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ވަކީލުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހު ބާއްވާ ހެކިބަސް ނެގުމުގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ ކުރީން އިފްތިތާހީ ބަޔާން އިއްވުމަށް ފުރުސަތު ޔާމީން އަށް ދެއްވުމަށް ދައުލަތުން އެދުނެވެ. އެހެން ނަމަވެސް މާދަމާ އަކީވެސް ބަންދު ދުވަހަކަށް ވުމުން މާދަމާވެސް ވަކީލުންނާ ބައްދަލު ނުކުރެވޭޏެ ކަމަށް ޔާމީން ވިދާޅުވުމުން ދައުލަތުން ބުނީ ކަރެކްޝަންސްއާއި ވާޙަކަ ދައްކައިގެން މާދަމާ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދެވިދާނެ ކަމަށެވެ.

ދައުލަތުގެ އެވާހަކަތަކާ ގުޅިގެން ޔާމީން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ޔަމީން ވިދާޅުވީ ބަންދު ދުވަސްތަކުގައި ވެސް ވަކީލުންނާ ބައްދަލު ކޮށްގެން ޝަރީއަތް އަވަސް ކުރަންޖެހޭ ހިސާބަށް މި މައްސަލަ ދިޔައީތޯ ސުވާލު އުފެދޭ ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ ނަމަ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ޝަރީއަތް ބާއްވަންވީ ނޫންތޯ ޔާމީން ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މި މަސް ތެރޭގައި ތިން ފަހަރަށް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުނު ކަމަށާއި އިފުތިތާހީ ބަޔާނަށް ތައްޔާރުވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީންގެ ތަފާތު ތިން މައްސަލައެއް އެކި ކޯޓުތަކުގައި އެބައޮތް ކަމަށާއި އެ މައްސަލަތަކުގައި ޔާމީނާއި މަޝްވަރާކުރުމަށްފަހު މިމައްސަލާގައި މަޝްވަރާކޮށް މައްސަލައަށް ތައްޔާރުވުމަށް ފުރުސަތު ނުލިބޭ ކަމަށެވެ. އަދި މިއަދު އިފްތިތާހީ ބަޔާން ހުށަނޭޅޭނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.

ޔާމީންގެ އެދިވަޑައިގަތުމަށް އަންނަ ބުދަ ދުވަހަށް މި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމަށް ޝަރީއަތް ވަނީ ފަސްކޮށްފައި އެވެ.

ޔާމީންގެ މައްޗަށް ވަނީ ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.