ވ. އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މިހާރު ޖަލުގައި ހުރި އެންމެ ގިނަ ހިދުމަތް ލިބިގެންދާ އެއް ފަރާތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީނާ އެހާ ޒާތީ ބޭފުޅަކު ބަލަހައްޓަވާ ޖަލެއްގައި އެމަނިކުފާނު ހުންނަވާތީ ޕީޕީއެމާއި ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ރައީސް ޔާމީން ހުންނެވި ޖަލު ގޮޅި އާއި އެ މަނިކުފާނު ބޭނުންފުޅު ކުރައްވާ ފާހަނައި ބަގްކޮށް ކެމެރާ ހަރުކޮށްފައިވާ ކަމަށް ޕީޕީއެމާއި ޕީއެންސީން ތުހުމަތު ކޮށްފައި ވަނިކޮށް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ޔާމީންނަކީ ޖަލުގައި ތިބި ޤައިދީގެން ތެރެއިން މިހާތަނަށް އެންމެ ގިނަ ހިދުމަތްތަކެއް ދެވެމުންދާ އެއްބޭފުޅާ ކަމަށެވެ.
"ރައީސް ޔާމީންގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުގެ ޒަމީރު ތަންދޭ ކަމެއް ނޫން." އިމްރާން ވިދާޅުވި އެވެ.
ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފަ އެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގަ އެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޔާމިނަށް އަނިޔާކުރަމުން މިގެންދަނީ ސަރުކާރު ރާވައިގެން މުގުލުގައި ހޯމް މިނިސްޓަރު އިމްރާން ހުރެގެން ކަމަށެވެ. ސިޔާސީ މަގުސަދެއް ހާސިލް ކުރަން ދީނީ ތާކިހާ އަޅުއްވައިގެން ހުރެ އިމްރާން ކުރައްވަމުން އެގެންދަވަނީ ހުދުމުހުތާރު ކަންތައްތަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އިމްރާން އަޑީގައި ހުރެގެން ޔާމީން އެތައް ހައްގަގުން މަހުރޫމް ކުރަމުން ގެންދާ ކަމަށެވެ. ޔާމީން ޖަލުގައި އޮންނަވާތާ ތިން ރޯދަ މަސް ދިޔަ އިރުވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ނުވާ ކަމަށާއި އެކިފަހަރު މަތީން ވެސް ޔާމީންގެ ސިއްހީ ހާލަތާ ގުޅެ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސް އޮފީހަށް ވެސް ދަންނަވަފައިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެހެންވިއްޔާ ދެން އެހެންމީހުންގެ ހާލަތަކީ ކޮބާބަ