ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަމާ އެކު ފަސް ހުށަހެޅުމެއް މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) ސަރުކާރު ހިންގާ މައިޕާޓީ އެމްޑިޕީ އަށް ހުށަހަޅައިފި އެވެ.

ކުރިއަށް އޮތް ރިޔާސި އިންތިހާބާއި ގުޅެގޮތުން އެމްރާރުއެމް އާއި އެމްޑީޕީން ރޭ ވަނީ އެމްއާރުއެމް އޮފީހުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ އެކު ކޯލިޝަން ހެއްދެވުމަށް ސަރުކާރު ކޯލިޝަންގައި ތިބި ހުރިހާ ޕާޓީއަކަށް ރައީސް ސޯލިހު ވަނީ ދައުވަތު ދެއްވާފައި އެވެ.

އެދައުވަތާ ގުޅިގެން މީގެ ކުރިންވެސް އެމްއާރުއެމްއިން ވަނީ ބައްދަލުވުމެއް ބާއްވާފައި އެވެ. އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ރައީސް ސޯލިހު އާއި އެކު ރައީސް އޮފީހުގައި އެވެ.

ރޭގެ ބައްދަލުވުމަސް ފަހު އެމްއާރުއެމް އިން ބުނީ އެ ޕާޓީ އާއި އެމްޑީޕީގެ ކޯލިޝަންގެ ބައްދަލުވުމެއް ރޭ ޕާޓީގެ އޮފީހުގައި ބޭއްވި ކަމަށާއި އެ ބައްދަލުވުމަށް އެމްއާރުއެމްއިން ކަންތައްތަކެއް ހުށަހެޅި ކަމަށެވެ.

އެގޮތުން އެމްއާރުއެމް އިން ހުށަހަޅަފައި ވަނީ:

1) ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުން.

2) ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމްއާރްއެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.

3) ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.

4) ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.

5) ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން.

އެމްއާރުއެމް އިން ބުނީ މިނުކުތާތަކާއި، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ސިޓީފުޅައި ގުޅިގެން އެމަނިކުފަނާއި އެކު ކޯލިޝަން ހެދުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވަނީވެސް އެމްއާރުއެމްއިންނެވެ. އެމްޑީޕީއާއި އެކު ދެވަނަ ފަހަރަށް ކޯލިޝަން ހަދާނީ މިހާރު ސަރުކާރުގައި ކުރެވުނު ތަޖުރިބާތަކަށް ބަލާ އިތުރަށް މަޝްވަރާކޮށްފައި ކަމަށް އެމްއާރުއެމް އިން ބުނެ އެވެ.