ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ ބޭފުޅުންނަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ބިރާއި ނުފޫޒާއި ނުލައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޮންނަންވާނެ ބައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ދިން ހަމަލާ ކުށްވެރިކޮށް އެމްއާރުއެމްއިން ބުނީ ޒަރީރަށް ބަޔަކު ދިން ހަމަލާ އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާ ދިން މީހުން އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އެމްއާރުއެމްއިން ވަނީ ބުނެފައި އެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ބިރާއި ނުފޫޒާއި ނުލައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޮންނަންވާނެ ބައެއް ކަމަށް ވެސް އެމްއާރުއެމް އިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް އާދީއްތަ ދުވަހުގެ ރޭ ފަތިހު 5:08 ހާއިރު އެވެ.

ޒަރީރަށް ހަމަލާ ދިނީ މަރުތޭލަކުން ކަމަށާއި އެ މަރުތޭލުން އޭނާގެ ބޮލުގެ ފުއްކިބައިގައި ޖެހުމަށްފަހު ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.