ސަރުކަރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ދިން އިންޖެކްޝަނެއްގެ ސަބަބުން އަންހެނެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލާގައި އެކަން ހިނގާދިޔަ ގޮތް ގޮތް ބަލަން އެ ހޮސްޕިޓަލުން ފަށައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލްގައި އެޑްމިޓްކުރި 85 އަހަރުގެ ބަލި މީހެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހުނީ ހޮސްޕިޓަލުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނާ މައްސަލަގައި އެކަން ހިނގާފައިވާ ގޮތް ދެނެގަނެ އެކަންތައް މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލުކޮށްފައިވޭތޯ ހޮސްޕިޓަލްގައި އެކުލަވާލަފައިވާ މިފަދަ މައްސަލަތައް ބަލާ ކޮމެޓީން ތަހުގީގު ކުރަމުންދާ ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ. އަދި މިކޮމެޓީގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރާނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ އަތުގެ ބޮޑުވައި އިނގިލި ފިޔަވާ އެހެން ހުރިހާ އިނގިއްޔެއް ވަނީ ބުރިކޮށްލާފަ އެވެ. އަދި އިނގިލިތައް ބުރިކޮށްލީ އައިޖީއެމްއެޗް އިން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ މީހާ މިދިޔަ އާދިއްތަ ދުވަހު ނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.