ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކެއް ބަލައި ނުގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުްން ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލް ކޮށްފި އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
އެމައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމަށާއި ހެކި ރައްކާތެރި ކުރުމަށް އަމުރު ނެރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ ފަރަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދފައި ވަނީ އެހެކިތައް ބަލައިނުގަތުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އެޕްރީލް މަހުގެ 25 ގަ އެވެ.
ދައުލަތުން ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި ބައެއް ލިޔުންތައް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެވެ.
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ ފަރަތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހު ފަށަން ތާވަލް ކޮށްފައިވާއިރު ހަމަ އެ ދުވަހު ފުއްގިރި މައްސަލައިގެ ހެކި ބަސްނެގުން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.