ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި، މެމްބަރު ހަސަން ލަތީފްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދާއި ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ރިޔާޒް ރަޝީދާއި ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖޭޕީން ބުނީ މިބައްދަލުވުމަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކާއި، ޖޭޕީއާއެކު ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން ނިންމައި، ރައީސް ނަޝީދުގެ ފިކުރެއްގެ ގުޅުމުން ގެންދަނީ ގާސިމް އާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރަމުންނެވެ.

"ފިކުރެއްދުގެ ދިރުން" ޓީމާއި މިއަދު ބައްދަލުކޮށްފައިވާއިރު އިއްޔެ ވަނީ ޕީޕީއެމް/ ޕީއެންސީ އަދި އެމްއެންޕީގެ އިސް ބޭފުޅުން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމާފައިވާއިރު، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.