ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް އަބްދުﷲ ޔަމީންގެ ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތަށް ދައުލަތުގެ ފަރަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި މަޑުޖައްސާލުމަށް ޔާމީންގެ ފަރަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް ގެއްލޭނެ ހައްގެއް ނެތް ކަމަށެވެ. އަދި ޝަރީއަތް އަވަސް ކުރުމުން ދައުވާ ލިބޭ ފަރަތުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަތައް އަވަސް އަވަހަށް ކައިރިކައިރީގައި ތާވަލް ކޮށްގެން ގެންދާތީ މައްސަލަތަކުގައި ތައްޔާރުވުމަށް ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތުތާއި ވަގުތު ވެސް ނުލިބޭކަން ޔާމީން ވަނީ ސުޕްރީމް ކޯޓުގައި ވެސް ވިދާޅުވެފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑީޔާރުން ނިންމެވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރުމަށެވެ.