ގދ. ތިނަދޫގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ހިދުމާތް ދޭން ފަށަފައި ވަނީ އާދިއްތަ ދުވަހު އެވެ.

ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުމުން، ހުވަދޫ އަތޮޅުގައި އެ ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އާއި ވަގުތާއި އުފުލާ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މި ހިދުމަތް ފެށީ ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި މިހާރު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެހޮސްޕިޓަލުން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކީމޯ ތެރަޕީގެ ހިދުމަތް ދިނުމަށް އެސްޓީއޯއާ އެކު މަޝްވަރާކޮސްފައިވާ ކަމަށެވެ.

ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލުން މިދިޔަ ހަފްތާ ވަނީ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތާއި އެޑްވާންސްޑް ވުންޑް ކެއާގެ ހިދުމަތް ވެސް ފަށައިފަ އެވެ.

އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުން ކީމީ ތެރަޕީގެ ހިދުމަތް ދެމުންގެންދެއެވެ. ބައެއް ރީޖަނަލް ހޮސްޕިޓަލުތަކާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިހާރު ވެސް، ކީމޯތެރަޕީގެ ފަރުވާ ދެ އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ.