ޔޫއެސްގެ ސްޓޭޓެއް ކަމަށްވާ ނޯތު ކެރޮލީނާގައި އުމުރުން 16 އަހަރުގެ ކުއްޖަކު، ޓިކްޓޮކް ހަދަން އުޅެގެން މުޅި ހަށިގަނޑުގައި ރޯވެ ފިހިއްޖެ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި އޭނާ ފިހުނީ، ޓިކްޓޮކްގައި އާންމުވަމުން ދިޔަ ޗެލެންޖެއް ކުރަން ހަދައިގެންނެވެ.

އެގޮތުން މޭސަން ޑާކް ނަމަކަށް ކިޔާ އެކުއްޖާ ވަނީ ދަނޑިބުރިއެއްގައި ރޯކުރުމަށް ސްޕްރޭ ޕެއިންޓް ބޭނުންކޮށްފަ އެވެ. އަދި ރޯކުރަން މަސައްކަތް ކުރުމުން ބޮޑު އަލިފާންގަނޑެއް ހިފައި މޭސަންއާ އޭނާގެ ރަހުމަތްތެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

އޭގެ ސަބަބުން މޭސަންގެ ހަށިގަނޑުގެ 80 އިންސައްތަ ވަނީ އެއްކޮށް ފިހިފަ އެވެ. އަދި ފިހިފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން މޭސަންކަން ވެސް ނޭނގޭ ވަރަށް އަނދާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ޓިކްޓޮކަކީ ދުނިޔޭގައި މުނިފޫހި ފިލުވުމަށްޓަކައި ބޭނުންކުރާ އެންމެ ކުރީ ސަފުގައި ހިމެނޭ އެޕްލިކޭޝަންއެކެވެ. ހަމައެހެންމެ ޓިކްޓޮކް މިހާރު ވަނީ ރާއްޖޭގައި ވެސް ގިނަ ބަޔަކަށް މަގުބޫލު އެއް އެޕްލިކޭޝަންއަކަށް ވެފަ އެވެ.