އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރަހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ނެރުއްވި ގަރާރުގެ ދަށުން ކުރީގެ ރައީސް ޔާމީންގެ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި އިންޑިއާ އައުޓް ޖެހި ބެނާތައް ނެގުމަށް އުޅުނު ވަކިވަކި ފުލުހުންގެ ނަމާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގަމުން އަންނަ އިންޑީއާ އައުޓް ކެމްޕޭނުގައި މާލޭގެ އެކިސަރަހައްދުތަކުގައި އިންޑިއާއައުޓް ޖަހާފައިވާ ބެނާއާއި ދިދަ ފުލުހުން ވަނީ ރައީސް ސޯލިހުގެ ގަރަރަކުން ނަގަން ފަށާފަ އެވެ. އެގޮތުން އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ ދިދަވެސް ފުލުހުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށޫން ވަދެ ނަގާފައި އެވެ.

އެ އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ ނަމާއި ސާވިސް ނަމްބަރާއި ރޭންކުގެ އިތުރުން އެ އޮޕަރޭޝަންގައި އެ މީހުން އަދާކުރި ދައުރު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުން ވަނީހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި އެވެ.

ހައިކޯތުގެ ހުކުމުގައި ބުނެފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރާ ކަންކަމާ ގުޅިގެން ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭގެ ސަބަބުން އެފުލުހެއްގެ ފުރާނައަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލިދާނެ ކަމެއްކަމަށެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވީ ވަކިވަކިި ފުލުހުންގެ ޒާތީ މައުލޫމާތު ހޯދުމަށް ޝައުގުވެރިކަން އޮތްނަމަވެސް މިކަމުގައި މަސްލަހަތު އޮތީ ފުލުހުންގެ ފުރާނަޔަށް ގެއްލުންލިބޭ ފަދަ ަމއުލޫމާތު ހާމަ ނުކުރުމަށް ކަމަށެވެ.

ފުލުހުން ވަދެ ރައީސް ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ދިދަ ނެގި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވިއެވެ.

މިދިޔަ އަހަރު މެއި މަހު ހައިކޯތުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޔާމީންގެ ގެކޮޅަށް ވަނުމަށް ކޯޓު އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ނެތް ކަމަށެވެ.

އެ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ކުރުމުގެ ތުހުމަތުގައި ކަމަށްވާއިރު، އެ ބެނާ ހަރުކުރުމުން އާންމު މަސްލަހަތަށް ގެއްލުންވާ ގޮތެއް ފުލުހުންނަށް ބުނެނުދެވޭ ކަމަށެވެ.