މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސްކޫލުތައް އެކި ކުލަތަކުން ޒީނަތްތެރި ކުރެވޭނެ އެވެ. ކުޑަކުދިންނަށް ހާއްސަ ހަދިޔާތައް ބަދަލު ކުރެވޭނެ އެވެ.
އެހެން ނަމަވެސް ސުވާލަކީ ހަގީގީ މާނައިގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަކީ މިއީތޯ އެވެ. ކޭކެއް ފަޅާލައި ހަދިޔާއެއް ދިނުމުން ނިމުނީތޯ އެވެ. ނުވަތަ ދުވަހުގެ ތަހުނިޔާ ކިޔާލުމުން ފުދޭތޯ އެވެ.
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާއިރު ގައުމުގެ ކުޑަކުދިންގެ ހާލަތާ މެދު ވެސް ވިސްނާލަން ޖެހެ އެވެ. ގައުމުގެ މުސްތަގްބަލު ކަމަށްވާ އެ ތުއްތު ކުދިން ބޮޑުވަމުން އަންނަނީ އެންމެ ރަނގަޅު ތަރުބިއްޔަތު ލިބިގެންތޯ ފިކުރު ހިންގާލަން ޖެހެ އެވެ.
ކައިވެނީގެ ގޮށްމުށުން ބަނދެވި ކޮންމެ ދެމަފިރިއަކު ވެސް އާއިލާއެއް ފަށަނީ ފޮނި ހުވަފެން ތަކަކާއެކުގަ އެވެ. އެހެން ނަމަވެސް ކޮންމެ ސަބަބަކާ ހެދި ނަމަވެސް އެ ކައިވެނި ރޫޅިއްޖެނަމަ ބިކަވަނީ ލިބުނު ދަރިންނެވެ.
މަންމައާއި ބައްޕަގެ ދެމެދުގައި ދެމެނީ އެ މައުސޫމު ފުރާނަތަކެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އާއިލާތައް ރޫޅުމުގެ ސަބަބުން އެތައް ކުޑަކުދިންނެއް އަހަރުމެންގެ ތެރޭގައި ބިކަ ވެފައިވާ ކަމެވެ.
އާއިލާ ރޫޅިފައި ނުވާ ނަމަވެސް އާއިލާގެ މަސްލަހަތުގެ ސަބަބުން ވެސް ކުޑަކުދިންގެ ހެދިބޮޑު ވުމަށް އެތައް އަސަރުތަކެއް ކުރުވަ އެވެ. ނަފްސާނީ ގޮތުން އެ ކުދިންގެ ސިކުނޑިއަށް އަސަރުކުރާއިރު އެކަމުގެ ސަބަބުން އެކުދިންގެ މިޒާޖަށް ވެސް ބޮޑު ބަދަލު ތަކެއް އާދެ އެވެ.
މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުޑަކުދިން މަގުމައްޗަށް ގިނަވެ ގޯސް މަަގަކަށް އެޅުމަކީ ވެސް މި ކުޑަ މުޖުތަމައުން ފެންނަމުންދާ ކަންކަމެވެ. ހަގު އުމުރުގައި ކުށްތަކަށް އަރައިގަންނަ ކުދިންގެ އަދަދަށް ބަލާލުމުން އެކަން އެނގެ އެވެ.
މިކަންކަން މިހެން ހުރި އިރު ފުއްޕާހަން ފުމެ ކޭކު ފެޅުމަކުން ނުފުދެ އެވެ. މުޖުތަމައުގައި ހުރި ކުޑަކުދިންނާ ބެހޭ މިފަދަ މައްސަލަތައް ހައްލު ކުރެވިގެން ނޫނީ ހަގީގީ މާނައިގައި ކުޑަކުދިންގެ ދުވަސް ފާހަގައެއް ނުކުރެވޭނެ އެވެ.
މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ފަރުދީ، އާއިލީ އަދި މުޖުތަމައުގެ ފެންވަރުގައި ވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. ސަރުކާރަށް ހުރިހާ ކަމެއް ޖެހުމުގެ ބަދަލުގައި އަމިއްލަ ޒިންމާތައް އަދާކުރަން ދަސްކުރަން ޖެހެ އެވެ.
މި ހުރިހާ ކަމެއް ހަނދާނުގައި ބަހައްޓަމުން މި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް އެ ކުދިންނަށްޓަކައި ހާއްސަ ދުވަހަކަށް ހެދުން ވެސް އޮވެ އެވެ. ބުނަން މިއުޅެނީ މިއީ ހަމައެކަނި ކުރަން ޖެހޭ ކަންތައް ނޫން ކަމެވެ.
ދިވެހި ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ބައިނަލައަގްވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.