ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އަޒުލު ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަ ކުރެވޭނެ ކަމަށް އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް ގުޅިގެން ވަނީ ސަރުކާރާ ދެކޮަޅަށް މަސައްކަތްކުރުމަށް ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އުފައްދާފައި އެވެ.
ޖޮއިންޓް ޕީޖީ ގުރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އަޒުލު ކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހުގެ މެމްބަރުންގެ ސޮއި ލިބޭނެ ކަމަށެވެ.
އަޒުލު ކުރުމުގެ މައްސަލަ ހުށަނާޅާ ލަސްވަނީ މަޖިލީހުގެ ބައެއް މެމްބަރުން ރާއްޖެން ބޭރުގައި ތިއްބެވުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ސޯލިހު މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މީގެ ކުރިން އިދިކޮޅު ޕީޕީއެމްއިންވެސް ބުނެފައިވެއެވެ.
ޗާގޯސް މައްސަލާގައި ސަރުކަރުން އަމަލުކުރިގޮތާ ގޮތް ނޭންގޭ ސިޓީ އެއް ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަން ހާމަ ވުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑޫވުން ފާޅުކޮށްފައި އެވެ.
އެހެން ނަމަވެސް އެސިޓީފުޅު ކަމަށް ބުނެ އާންމުވެގެން އުޅޭ ސިޓީ އަކީ އެމަނިކުފާނު ފޮނުއްވި ސިޓީ ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.