އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅަނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ޖުމްހޫރީ ޕާޓީއާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޮއިންޓް ޕީޖީ ގުރޫޕެއް އެކުލަވާލާފައި އެވެ. އަދި އިދިކޮޅު ޖޮއިންޓް ޕީޖީ ގުރޫޕުން ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޖޮއިންޓް ޕީޖީ ގުރޫޕުން ވަނީ ބުނެފައި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅަނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

"ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުއާ އެކުގައި ރައްޔިތުންގެ މަޖިލީހުގެ މި ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަން އަރުވަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް ކަމަށް ވެސް އެމްޑީޕީއިން ބުނެ އެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައި އެވެ.

އެމްޑީޕީ އިން ބުނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.