ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތައް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި ހުކުމް އިއްވުން މިރެއަށް ފަސްކޮށްފި އެވެ.
އެ މައްސަލައިގެ ހުކުމްކުރުމުގެ ޝަރީއަތް ފަށާނީ 8:30 ގަ އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
ސުޕްރީމް ކޯޓުގައި އެމައްސަލާގައި މިއަދު ހުކުމް ކުރަން އޮތް ނަމަވެސް ސުޕްރީމް ކޯޓުގެ އެމައްސަލަ މިއަދު ތާވަލް ކޮށްފައެއް ނުވެ އެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ނުކުރި ސަބަބެއް ސާފެއް ނުވި އެވެ.
އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމަށާއި ހެކި ރައްކާތެރި ކުރުމަށް އަމުރު ނެރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ ފަރަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ އެހެކިތައް ބަލައިނުގަތުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އެޕްރީލް މަހުގެ 25 ގަ އެވެ.
ދައުލަތުން ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުއާއި ބައެއް ލިޔުންތައް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެވެ.
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ ފަރަތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހު ފަށަން ތާވަލް ކޮށްފައިވާއިރު ހަމަ އެ ދުވަހު ފުއްގިރި މައްސަލައިގެ ހެކި ބަސްނެގުން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.