ކޮވިޑް- 19 ޖެހިގެން މިދިޔަ ފަސް ދުވަސްތެރޭގައި 16 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 25 މީހަކަށެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް 41 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހު އެކްޓިވް ކޭސްގެ ގޮތުގައި 599 ކޭސް އޮތްއިރު، އެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 658 އަށް އިތުރުވެފަ އެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އުޅެނީ 26ން މަތީގަ އެވެ. މިގޮތުން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލޭ ސަރަހައްދުންނެވެ. އަދި ފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. މިބަލީގައި މިހާތަނަށް 47 މީހުން މަރުވެފައިވެ އެވެ.