އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގެ ފަސް މެމްބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްޑީޕީގެ އަސާސްތަކާއި، އުސޫލުތަކާ ހިލާފްވާ މެމްބަރުންނާ އަދި އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފިޔަވަޅު އަޅައިދޭން އެދިފައިވަނީ ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ހިލާފުވުމާއި ކެބިނެޓު ވަޒީރުންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ދޭތީއެވެ.

އެމްޑީޕީން މިއަދު ބޭއްވި ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުން

ފިޔަވަޅު އަޅައިދިނުމަށް ފޮނުވާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރަގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވެސް ވައްދާފައެވެ. އަދި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މިއަދު މަޖިލީހަށް ފޮނުވި ނަމަވެސް އެ މައްސަލަ ވަނީ އަނބުރާ ނަގައިފަ އެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.