އިސްލާމް އާބާދު (16 މެއި) - ޕާކިސްތާނުގެ ކުރީގެ ރައީސް އިމްރާން ޚާން ބަންދުން ދޫކޮށްލުމާ ދެކޮޅުހެދުމުގެ ގޮތުން އެ ގައުމުގެ ސުޕްރީމް ކޯޓުގެ ކައިރިއަށް ގިނަ ބަޔަކު އެއްވެ އިހުތިޖާޖުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ދޮށަށް އެއްވެ ގޮވަމުން ދަނީ އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރުމަށެވެ. ވެރިކަން ކުރާ ކޯލިޝަނަށް ތާއީދު ކުރާ މީހުންގެ ނުރުހުންވުން އުއްތަމަ ފަނޑިޔާރަށް އަމާޒުވި ސަބަބަކީ ކޮރަޕްޝަންގެ ތުހުމަތުގައި އިމްރާން ޚާން ހައްޔަރުކުރުމުން އެކަން ހުއްޓުވުމަށް ކޯޓުން އަމުރު ނެރުމުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވެރިކަމުން ދުރުކޮށްފައިވާ އިމްރާން ޚާން ހައްޔަރު ކޮށްފައި ވަނީ އެ ގައުމުގެ ޕްރޮޕަޓީ ޑެވެލޮޕަރެއްގެ އަތުން ނާޖާއިޒު ގޮތުގައި އަގު ބޮޑު ބިމެއް ލިބިވަޑައިގެންފައިވާކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ހައްޔަރު ކޮށްފާނެ ކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.
އިސްލާމް އާބާދުގެ ހައިކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރަކާއެކު ކޯޓު ތެރޭގައި ހުންނަވަނިކޮށް ގައުމުގެ ދިފާއީ ބާރުން އިމްރާން ޚާން ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކަމާއެކު އެވެ. އެ ހާދިސާއާ ވިދިގެން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ ޓްރެފިކް ހުއްޓުވައި ހަމަނުޖެހުން ހިންގައިފަ އެވެ. މި ހަރަކާތްތަކާ ގުޅުވައި ސަރުކާރުން މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އިމްރާން ޚާންގެ މައްޗަށް އުފުލާފަ އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ހިނގަމުންދާ މުޒާހަރާއަކީ ޕާކިސްތާނުގެ ވެރިކަމުން އިމްރާން ޚާން ދުރުކުރުމަށް ގައުމުގެ ސިޔާސީ 13 ޕާޓީއެއް ގުޅިގެން އުފައްދާފައިވާ އެލަޔަންސްގެ ފަރާތުން ވެރިކަން ކުރައްވަމުން ގެންދަވާ ޝަހުބާޒް ޝަރީފުގެ ސަރުކާރާ ގައުމުގެ ޝަރުއީ ދާއިރާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ނަތީޖާ އެވެ.
މި އެއްވުން އިންތިޒާމުކުރުމުގައި އިސްވެ ހަރަކާތްތެރި ވަނީ 13 ޕާޓީ ކޯލިޝަންގައި ހިމެނޭ ދީނީ ޕާޓީއެއް ކަމުގައިވާ ޖާމިއަތު އުލަމާ އިސްލާމެވެ. މިހަރަކާތުގައި މުސްލިމް ލީގުގެ އިސް މެންބަރުންގެ އިތުރުން ޕާކިސްތާން ޕީޕަލްސް ޕާޓީގެ ލީޑަރު ބިލާވަލް ބުއްޓޫ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.