ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފު މައްސަލަ އެމަނިކުފާނަށް ނާކާމިޔާބުވި ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ހީކުރި ވަރަށްވުރެ ރަނގަޅަށް ހުށަހެޅުއްވި ކަންކަމަށް ހައްލުލިބިގެންދާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީންގެ ފަރާތުން އެދުނު ގޮތަށް ވުރެވެސް ރަނގަޅަށް ކަމަށެވެ.
ޖަމީލް ވިދާޅުވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރޭގައި ހުރި ބައެއް ހަމަނުޖެހޭ ކަންތައްތައް ފޫބެއްދުމަށް ޓަކައި އެ ބާވަތުގެ މައްސަލައެއް އެންމެ މަތީ މަރުހަލާއައް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އެމައްސަލަތަކަށް ސުޕްރީމް ކޯޓުން އުސޫލްތަކެއް ކަނޑައެޅުމުން އެ އުސޫލުގެތަކުގެ ފައިދާ ޝަރީއަތުގެ މަރުހަލާގައި ކުރާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ދެން ކުރިއަށްދާ ޝަރީއަތުގެ މަރުހަލާގައި އެ ހެކިތަކަށް ތައުނު ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށާއި، އާ ހެއްކާބެހޭ ގާނޫނު މި މައްސަލައިގެ ތެރެއަށް ތަތުބީގު ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ޝަމީމް އެކަންކަމަށް ވުރެ އިތުރަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުން ބައެއް މައްސަލަތަކަށް ހައްލު ލިބިފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމުންތަކުގެ ފައިދާ ރައީސް ޔާމީން ނޫނަސް ދައުވާ ލިބޭ ކޮންމެ މީހަކަށްވެސް ކުރާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެއުސޫލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭނުންހާ ގޮތަކަށް ތަހުގީގުތައް ނުކުރެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ރައީސް ޔާމީން މައްސަލާގައި އަދި އެމަނިކުފަނު ގޮތް ހުސްވާން ކައިރިވެސް ނުވާ ކަމަށް އެމަނިކުފަނުގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
މި ނިންމުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި އެދުނު މިންވަރަށް ވުރެ ވެސް ބޮޑަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަގުކޮށާދީފައިވާ ކަމަށާއި ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމެއް އެއްވެސް އިސްތިސްނާއެއްނެތި ދިނުމަށް މަގުފަހިވެގެން ދިޔަ ކަމަށް ޔާމީން ގެ ގާނޫނީ ވަކީލުން ފަހަގަ ކުރެއްވި އެވެ.
ވ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.