ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީން ވަކިކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ގޮވާލައިފި އެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ރައީސް ސޯލިހު ޕާޓީން ވަކިކުރުމަށް ގޮވާލަމުން ދާއިރު ރައީސް ނަޝީދުވެސް ވަނީ ރައީސް ސޯލިހު ޕާޓީން ވަކިކުރެއްވުމަށް ގޮވާލައްވާފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވަނީ ޕާޓީގެ އެންމެ އިސްފަރާތުގެ ވާޖިބަކީ ޕާޓީގެ އެއްބައިވަންތަކަން ގާއިމުކޮށް ޕާޓީގެ މަޤްޞަދުތައް ހާސިލުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ. މިއާ ޚިލާފަށް ރައީސް ސޯލިހު ވަނީ ޕާޓީގެ މަސްލަހަތު ދޫކޮށް ޕާޓީ ބައިބައިކުރައްވައި ޕާޓީގެ އިތުބާރުގެއްލުވާލާފައި ކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ޕާޓީން ވަކިކުރަން ޖެހޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކޮރަޕްޝަން ބެލުން ސުމެއް ކަމަށާއި ކޮރަޕްޝަން ހިންގުން މެކުހަށް ޖަހަފައިވާ ކަމަށެވެ. މިއީ އެމްޑީޕީއަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ބަންދުވި 5 އަހަރު ކަމަށް އިންތި ވިދާޅުވި އެވެ. ވައްކަމުގެ ނެޓްވޯކަކަށް ޕާޓީ ބަދަލުކުރުމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަންޖެހޭ ކަމަށްވެސް އިންތި ވިދާލުވި އެވެ.
އިންތި ވިދާޅުވީ ޕާޓީ ހަލާކުކޮށް އިތުބާރު ގެއްލުވާލުމުގެ ޒިންމާ ނަންގަވާ އެކަމަށް ފިޔަވަޅު އަޅާނަމަ ފިޔަވަޅު އަޅަންވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ އެމްޑީޕީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކޮށްގެން ޕާޓީން ކަނޑާލާނަމަ ފުރަތަމަ ޕާޓީން ކަނޑާލަން ޖެހޭނީ ރައީސް ސޯލިހު ކަމަށެވެ. އަދި ރައީސް ސޯލިހު އަބަދުވެސް މަސައްކަތް ކުރައްވަނީ ޕާޓީގެ އަސާސް ތަކާ ދިމާ އިދިކޮޅަށް ކަމަށް ޝިޔާން ވިދާޅުވި އެވެ. ވައްކަން ކުރުން "އޯކޭ" ކަމަށް ހަދައިގެން މުޅި ޕާޓީ ހަލާކު ކޮށްލައިފި ކަމަށްވެސް ޝިޔާން ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ސޯލިހު ޕާޓީން ވަކިކުރަން ގޮވާލާފައި ވާއިރު އެމްޑީޕީގެ ރައީސް ނަޝީދުގެ އަން އޮފިޝަލް އެކައުންޓުން އެމަނިކުފާނު ވިދާޅުވީ 2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓް ކަޓުވާލައި އެހެން މީސް މީހުން 2019 މަޖިލީހަށް ހޮވި މައްސަލަ ނުބަލާ ފިޔަވަޅު އަޅާ ކޮމެޓީ އިން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ އަން އޮފިޝަލް ޓްވިޓާ އެކައުންޓުން މިމޭރުމުން ޓްވީޓް ކޮށްފައި ވަނީ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް އެމްޑީޕީ އިން ވަކިކުރެއްވުމާއި ބައެއް މެމްބަރުން ވަކިކުރުމަށް އެންމެ ފަހު ފުރުސަތު އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ދޭން ނިންމުމާ ގުޅިގެންނެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ އެޕާޓީގެގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެމުންނެވެ.
އެމްޑީޕީގެ ނިންމުންތަކާ ހިލާފުވުމުގެ އިތުރުން އެބޭފުޅުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނޭ މެމްބަރުންގެ މައްސަލަތައް ބަލަން ފެށީ ޗާގޯސް މައްސަލާގައި އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ފެށުމުންނެވެ. ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޖޮއިންޓް ޕީޖީ ގުރޫޕެއްވެސް މިހާރު ވަނީ އުފައްދަވާފަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އެބޭފުޅުން ވަނީ މަޖިލީހަށް ވައްދާފަ އެވެ.