ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް މިއަދު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ މަގާމެއް ދިފާއުކުރަން އެމްޑީޕީގައި ހުންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ދިފާއުކުރަން އެމްޑީޕީގެ ހުރިހާ އަސާސްތަކެއް ފުނޑިގެންދާއިރު، މަގާމުގެ ބޭނުމުގައި އެމްޑީޕީގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަސައްކަތް ކުރައްވަމުން ދަނީ ރައްޔިތުންނަށް ރަނގަޅު ސިޔާސީ މަސައްކަތްތަކެއް ކޮށްދެއްވަން ކަމަށެވެ. އެފަދަ ސިޔާސީ މަސައްކަތްތަކެއް ކުރުމަށް މަޖިލީހުގެ ނައިބު ރައީސްގެ މަގާމު މުހިންމު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީގަ އަޅުގަނޑު ހުންނަން ޖެހޭނެ ކަމަކަށް މަގާމެއްގެ ބިރުވެތިކަމުގައެއް. މަގާމެއް ދިފާއު ކުރާކަށް ނޫން އާޅުގަނޑު އެމްޑީޕީ އަށް ވަނީ. އަޅުގަނޑު އެ މަގާމު ދިފާއު ކުރާކަށް އެމްޑީޕީގެ ހުރިހާ އަސާސްތަކެއް ފުނޑިގެން ދާއިރު މަގާމުގެ ބޭނުމުގައެއް އަޅުގަނޑު އެމްޑީޕީއަކު ނުހުންނާނަން. އަޅުގަނޑު މިކުރަނީ ރަނގަޅު ސިޔާސީ މަސައްކަތްތަކެއް ބައްޓަންކުރުމަށް ކުރި މަސައްކަތް. އޭގެ ތެރެއަކަށް މަޖިލީހުގެ ނައިބު ރައީސްގެ މަގާމެއް ނާދެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އެކަމަނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަގާމު ދިފާއު ކުރުމަށް ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް ނޭޅެނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން. އަޅުގަނޑު ސާފުކޮށް އެއްވެސް އެއްޗެއް ނުދަންނަވާކަށް ނޫން،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ވަނީ ފަށާފަ އެވެ. އަދި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ހަމަކޮށްފަ އެވެ.