އެމެރިކާގެ ރިޔާސީ އިންތިހާބުން ބަލިވެ، ބަލި ގަބޫލުކުރަން ދެކޮޅު ހަދައި އެންމެ ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ސެނެޓް ހިންގާ ކެޕިޓަލް ހިލް ބިލްޑިންގްއަށް ވަދެ، ބައްދަލުވުން ހުއްޓުވައިފި އެވެ.
ޓްރަމްޕް ސަޕޯޓަރުން، އެމެރިކާގެ އެންމެ ޝަރަފުވެރި ބިލްޑިންގް، ކެޕިޓަލް ހިލް އަށް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެންގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ގަބޫލުކުރުމުގެ ޖަލްސާ ކުރިޔަށް ގެންދަނިކޮށެވެ. މުޒާހަރާކުރާ މީހުން އެތަނަށް ވަންއިރު އެ ސެޓްފިކެޓްތައް ސެނެޓްގެ ޕާލަމެންޓްރީ ސްޓާފުން ވަނީ ރައްކާކޮށްފައި ކަމަށްވެ އެވެ.
މި ހާދިސާ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ޓުވިޓާ މެދުވެރިކޮށް މި ހާދިސާ ކުށްވެރިކުރައްވައި، އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ޑިމޮކްރަސީ އުސޫލްތަކަށް ތަބާވުމަށް ގޮވާލައްވަމުންނެވެ. މިގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.
މި ހާދިސާ ހިނގިއިރު އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވެސް ހުންނެވި އެވެ. އަދި އެ ހާދިސާ ހިނގުމާއެކު އެތަނުގެ ސަލާމަތީ ގާޑުން ވަނީ ނައިބު ރައީސާއި ގާނޫނު ހަދާ މެމްބަރުން ވަނީ ރައްކާތެރިކަމާއެކު ޗެމްބަރުން ނެރެގެން ގެންގޮސްފަ އެވެ. އަދި އެވަގުތު ޗެމްބަރުގައި ހުންނެވި ނައިބު ރައީސް ކަމަށް އިންތިހާބުވެފައިވާ ކަމާލާ ހެރިސް ވެސް ވަނީ ރައްކާތެރިކަމާއެކު ގޮތް ނޭނގޭ ތަނަކަށް ގެންދަވައިފަ އެވެ.
މި ހާދިސާ އެމެރިކާގެ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން ވަނީ ކުށްވެރިކުރައްވައިފަ އެވެ.
ވޮޝިންޓަންގެ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ (ޑީސީ)ގައި ހުންނަ ކެޕިޓަލް ބިލްޑިންއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަށްފަހު އެވެ. މުޒާހަރާކުރާ މީހުން ކެޕިޓަލް ހިލް ބިލްޑިންގަށް ވަދެ، ސްޕީކަރުގެ ގޮނޑީގައި މީހަކު އިށީނދެ އިން މަންޒަރު ޓީވީ ޗެނަލްތަކުން ވަނީ ދުރަށް ދައްކައިފަ އެވެ.
އެ ތަނަށް ވަން މީހުން ބަޑިން ދިން ހަމަލައެއްގައި އަންހެނަކަށް އަނިޔާވެގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެ އެވެ.
ސަޕޯޓަރުން އެއްވުމަށް ވޮޝިންޓަންގެ މަގުމައްޗަށް މިއަދު އެއްވުމަށް ރައީސް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ގޮވާލައިފަ އެވެ. އެއާއެކު ސަޕޯޓަރުން ނުކުމެ ގާނޫނު ހަދާ މަޖިލީހަށް ވަނީ އެތަނުގެ ދޮރުތައް ހަލާކުކޮށްލައިގެންނެވެ.
ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީ އަދި ވޮޝިންޓަންގެ މޭޔަރު މިއުރިއަލް ބޮވްސާ ވަނީ އެތަން ހިމާޔަތްކޮށް ދިނުމަށް އެދި އެމެރިކާގެ ނެޝަނަލް ގާޑުންނަށް އަންގަވައިފަ އެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ކެޕިޓަލް ހިލް ބިލްޑިންގަށް ސަޕޯޓަރުން ވަދެ ހިންގާ ހަރަކާތްތައް ރައީސް ޓްރަމްޕް ބައްލަވަމުން ގެންދަވާ ކަމަށެވެ.
ޓްރަމްޕްގެ ސަޕޯޓަރުންނަށް ޓުވިޓާ މެދުވެރިކުރައްވައި ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ވިދާޅުވީ "މިއީ ގެއަށް ދާންވީ ވަގުތު" ކަމަށެވެ. އަދި ސުލްހަވެރިވުމަށާއި ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"ސުލްހަވެރިކަމާއެކު ގެއަށްދޭ. އަޅުގަނޑު ތިބޭފުޅުން ދެކެ ވަރަށް ލޯބިވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ބައިޑެން ވަނީ މިވަގުތު އެމެރިކާގެ ޑިމޮކްރަސީއަށް ދެމުން ގެންދަނީ ހަމާލަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ މިފަދަ ޒަމާނެއްގައި އެމެރިކާއިން ފެނިގެންވާނެ ފަދަ މަންޒަރުތަކެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބައިޑެން ވަނީ ކެޕިޓަލް ހިލް ބިލްޑިންއަށް ވަން މީހުން ނެރުމަށް ޓްރަމްޕަށް ގޮވާލައްވައިފަ އެވެ.
ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ މޭޔަރު ވަނީ ކެޕިޓަލް ހިލް ބިލްޑިންގަށް ވަން މީހުން ނެރުމަށް ނެޝަނަލް ގާޑުންނަށް އަންގަވައިފަ އެވެ. އަދި ހަވީރު 6:00ން ފެށިގެން ވޮޝިންޓަން ޑީސީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
އެމެރިކާގެ އެކްޓިން ޑިފެންސް ސެކްރެޓަރީ ކްރިސްޓޮފާ މިލާ ވިދާޅުވީ ކެޕިޓަލް ބިލްޑިންގް ދޮށަށް އެއްވެ ތިބި މީހުންތައް ފޮނުވާލަން ނެޝަނަލް ގާޑުން ފޮނުވާފައިވާ ކަމަށެވެ.
ކެޕިޓަލް ބިލްޑިންގަށް ވަދެ ހިންގާ ހަރަކާތް ކުށްވެރިކުރައްވައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިއީ އެމެރިކާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ބިލްޑިންގެ ދޮރުތައް ހަލާކުކޮށް، އެ އިމާރާތްތަށް ވަދެ ތަކެއްޗަށް ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ވެސް ބައެއް ދަނީ ބުނަމުންނެވެ.
އެމެރިކާގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ 1814 ވަނަ އަހަރު އިނގިރޭސި ސިފައިން ވޮޝިންޓަން ޑީސީ ހިފައި ކެޕިޓަލް ބިލްޑިންގަށް ހަމަލާދިން ފަހުން އެތަނަށް މިވަރުގެ ގެއްލުމެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ.