ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް 20 މެމްބަރުން ސޮއިކޮށްފި އެވެ.
ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހިންނަށް ނޭނގި ދިވެހިންގެ ސަރަހައްދުން ބައެއް ރައީސް ސޯލިހު "ވިއްކާލާފައިވާތީ" ކަމަށް ބުނެ އެވެ.
ޗާގޯސް މައްސަލާގައި ޕީޕީއެމް ޕީއެންސީ އާއި އެމްޑީޕީގެ ރައީސް ނަޝިދު އަށް ތާއިދު ކުރައްވާ މެމްބަރުންނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ އާއި ޖޭޕީން ވަނީ ޖޮއިންޓު ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލަފަ އެވެ. އަދި އެމައްސަލާގައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
ބަންޑާރަ ނައިބު ރިއްފަތުއަށް ވަނީ އެމައްސަލާގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.
މިމައްސަލާގައި އިސްކޮށް ހަރަކާތްތެރިވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެއިން ބައެއް ދިވެހިންނަށް ނޭނގި ސިޓީއަކުން މިވިއްކާލި ވިއްކާލުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށެވެ.