ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއެކު ވެސް މަޝްވަރަތައް ކުރިއަށްދާ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ "ދަ ޑިމޮކްރޭޓްސް"ގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރޭޓްސް އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝަން ވިދާޅުވި ރިޔާސީ އިންތިހާބަށް އެއްވެސް ޕާޓީއަކާއެކު މަޝްވަރާކުރުން ހުއްޓާ ނުލާ ކަމަށެވެ. އަދި ޑިމޮކްރޭޓްސްގެ ދޮރު އަބަދުވެސް ހުންނާނީ މަޝްވަރާކުރުމަށް ހުޅުވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަދި އެއްވެސް ޕާޓީއާކާއެކު ކުރަމުން އައި މަޝްވަރާތައް ހުއްޓިފައި ނޯންނާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އެގޮތުން ޖޭޕީއާ މަޝްވަރާކުރުން ހުއްޓާލީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ހިސާބުން ކަމަށް ދެކެވޭ ވާހަކަތަކަށް އަފްޝަން ވިދާޅުވީ، ކޮންމެ ޕާޓީއެއްގައި ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅުން ވެސް ތިބޭނެ ކަމަށެވެ.

އެ މަސައްކަތް ވެސް ވަކި މަސައްކަތެއް ގެ ގޮތު ގައި ކުރިއަށް ދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އަދި އެއީ އަދި ޑީލް ބަރޭކްވުން ކަމަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ އެއްވެސް ބަޔަކާ މަޝްވަރާ ނުކުރެވޭ ކަމެއް ނޯންނާނެ ކަމަށެވެ. ކޮންމެ ބަޔަކާ ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

މިއީ އެމްޑީޕީ ތެރެއިން ވަކި ފެކްޝަނެއް އުފައްދައިގެން ފިކުރެއްގެ ދިރުމުން ދަ ޑިމޮކްރޭޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރަސްމީކޮށް އިއުލާން ކުރިފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ މިހާރު ވަނީ ފިކުރެއްގެ ދިރުމުން ދަ ޑިމޮކްރޭޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންއަށް ޕާޓީ އުފެއްދުމަށް ހުށަހަޅާފަ އެވެ.