ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅުމުން ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްކުރެއްވުމުން އެމްޑީޕީ ޕީޖީ މެމްބަރުން ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރަން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން މިއަދު ވަނީ 50 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފަ އެވެ.

އެ މައްސަލަ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް ރައީސް ނަޝީދު ވިދާޅުވީ ހައެއްކަ މެމްބަރުން ވެގެން ރައީސް ސޯލިހުއަށް ބިރުދައްކައިގެން ކުރައްވާ ކަންތައްތައް ހަނދާނުގަ ބަހައްޓަން ޖެހޭނެ ކަމަށެވެ..

ރައީސް ނަޝީދުގެ މެސެޖަށް ރައްދުދެއްވަމުން ނިޔާޒް ވިދާޅުވީ އެ ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު އޭނާ ގޮތް ނިންމާނީ މެޖޯރިޓީއަށް ކަމަށެވެ.

"އަޅުގަނޑަށް އެއްވެސް މީހަކަށް ބިރުނުދެއްކޭނެކަން އެނގިލައްވާނެ. އަޅުގަނޑަކީ މެޖޯރިޓީއަށް ތަބާވާ ހަގީގީ ޑިމޮކްރެޓެއް،" ނިޔާ ވިދާޅުވި އެވެ.

ނިޔާޒުގެ މެސެޖްތަކަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ގެއްލުމުން ނިޔާއާއި އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފަނު ކަމަށެވެ.

"ނިޔާ، އަޅުގަނޑަށް މި ފެނުނީ ތިޔަ ދެބެއިން ބައެއްގެ ދަށު ވަރަށް ބޮޑަށް ވީ ތަން. އެކަމަކު ރައީސްކަން ގެއްލުނީމާ އަޅުގަނޑު ހުންނާނީ އެންމެ ކައިރީގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައީސް ސޯލިހުއަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ރައްދުދެއްވަން ފަށައިފަ އެވެ. އަދި އެއާއެކު އެ ގުރޫޕު ތެރެ ވަރަށް ބޮޑަށް ހޫނުވި އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ވަކި މީހެއްގެ އާއިލާއެއް ނޯންނާނެ ކަމަށެވެ. އަދި ޕާޓީ ހިންގުމަށް ވަކި ގެއެއްގެ، ވަކި މީހެއްގެ ދަރިއަކަށް ބަލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެމްބަރުންގެ މެދުގައި ވާހަކަތައް އިތުރަށް ހޫނުވެ ބައެއް މެމްބަރުން ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ އީވާ ބޭރުކުރުން ނޫން ގޮތަކަށް ދީލާލައިފި ނަމަ، އެއްވެސް ކަމެއްގަ އެއްބާރުލުން ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނަމުން އީވާ ވަކިކުރަން ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާއެކު އެވެ.

އީވާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ފޮނުވުމުންނެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ އިދާރާއިން ބަލައިގެންފަ އެވެ.