ހުޅުމާލެގައި ފުރަތަމަ ފަހަރަށް މަގުހުރަސް ބައްތި ހަރުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހު ކޮށްދެއްވީރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިން ލައިޓަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް އެއްކޮށް ހިނގާފައި މަގު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

އާބަންކޯ އިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ އަށް ދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

މިގޮތުން މިފަހަރު ނުވަ ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯ އިން ބުނެއެވެ. އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދޭނެވެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް މިއަދުން ފެށިގެން ބޭނުން ކުރާނެއެވެ.

މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ފެފެނިގެންދާނެ އެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.

ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޙާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދެއެވެ. އަދި ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް އާބަންކޯއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.