މި ސަރުކާރުގެ ހިންގުމުގެ ނިޒާމް މިހާރު މިވަނީ ދޯހަޅިވެގެން ގޮސް ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާ ހިސާބުގައި ކަމަށާއި އަދުލު އިންސާފު ގާއިމްކުރުމުގައި މިއަށް ވުރެ ބޮޑަށް ގައުމެއް ފެއިލްވާނެ ގޮތެއް ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނަޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުން އަމިއްލައަށް ނިކުމެ އިންސާފު ހޯދާ އަދުލުއިންސާފު ގާއިމްކުރުމުގައި، މިއަށް ވުރެ ބޮޑަށް ގައުމު ފެއިލްވާނެ ގޮތެއް ދެން ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އަދުލުއިންސާފުގެ ނިޒާމް ނަގާ ކޮޅަށް ޖަހަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން އެބަ ޖެހޭ. އަދަބު ތަންފީޒުކުރެވޭ ގޮތް ހަދަން ޖެހޭ. ކުށުގެ ބާވަތުން އަދަބު ކަނޑައަޅާ އަފްއާމް ނުދެވޭ ކުށްތައް އެބަ ކަނޑައަޅަން ޖެހޭ. ޖީލުތަކެއް އެކުގައި ހަލާކުވެގެން ދިޔައިރު ތިރީސް ކިލޯ އިން ސާޅީސް ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދޭންވީ ސަބަބެއް ކޮބައިތޯ އޮންނާކަށް ނުވެސް ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އަށް އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކުލަތައް ދޫކޮށް މިއީ ގައުމީ ވިސްނުމަކަށް ޖާގަ ދޭން ޖެހޭ ވަގުތު ކަމަށެވެ. އަދި ގައުމުގެ ހުރިހާ ކަމެއް އޮތީ ބޮއްސުންލާފައި ކަމަށާއި ބޮޑެތި ކުށްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަފުއާމް ދެއްވާ ޖަލުން މިނިވަން ކުރަމުން ގެންދާކަން ނާޒިމް ފާހަގަކުރެއްވި އެވެ.

އެގޮތުން މަސްތުވަތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ވެސް ނާޒިމް ތަކުރާރުކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަސް އޮތް ރިޔާސީ އިންތިހާބު އެމްއެންޕީ އިން ކާމިޔާބުކުރާނީ ޕާޓީގެ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން ނެރެގެން ކަމަށެވެ. އަދި ޕާޓީ ނިޒާމަށް 15 އަހަރުވެގެން ދިޔަ އިރު ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވަނީ ނާޒިމްއަށް އެމްއެންޕީގެ ރިޔާސީ ޓިކެޓު ދިނުމުގެ އިތުރުން އެމްއެންޕީގެ ކެމްޕެއިން ވެސް އިފްތިތާހުކޮށްފަ އެވެ.