ގައުމު ކުރިޔަށްދާނީ ތަރައްގީގެ މަޝްރޫއުތަކާއިއެކު ވަޒީފާތައް އުފައްދައި އެ ވަޒީފާތަކަށް ބޭނުންވާނެ މީހުން ބިނާކޮށްެގެން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު، ފ. ދަރަނބޫދޫ ބަނދަރު ސަރަޙައްދުގަ އެވެ.
ފ. ދަރަނބޫދޫ ބަނދަރުގެ މަޝްރޫޢު ނިމި ބަނދަރު ހުޅުވުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ މަތީފަންތީގެ ވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ދަރަނބޫދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާ އެރަށު ރައްޔިތުން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފަ އެވެ.
ފ. ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މާލެ ތޮއްޖެހިގެން ދިޔުމުގެ ސަބަބަކީ، ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް އަދި ވަޒީފާއެއް ހޯދަން ޖެހުނަސް މާލެއަށް ދާންޖެހޭ ގޮތަށް މީގެ ކުރިން ސިޔާސަތުތައް ބައްޓަންވެފައި އޮތުން ކަމަށެވެ. މިގޮތުން މާލޭގެ ޙާލަތު އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް އޮތް އެއް ޙައްލަކީ މާލެ ނޫން ސަރަޙައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަޝްރޫޢުތަކާއެކު ކުރަމުންގެންދާ އަނެއްކަމަކީ ވަޒީފާތަކަށް މީހުން ބިނާކުރުން ކަމަށެވެ. އަދި ގައުމު ކުރިޔަށްދާނީ، މިގެނެވޭ ތަރައްގީ އާއި އެކުގައި އުފެދޭ ވަޒީފާތަކަށް އެކަށީގެންވާ މީހުން ބިނާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަޒީފާއެއް އާމްދަނީއެއް ނެތި ރަށެއްގައި ދިރި ނޫޅެވޭނެ ކަމަށާއި މާލެއަށް މީހުން ހިޖުރަކުރަންޖެހުނު ސަބަބަކީ އެއީ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ދަރަނބޫދޫގެ އަބާދީގައި ހަތަރުސަތޭކައެއްހައި މީހުން ދިރިއުޅޭއިރު، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން، ދަރަނބޫދޫގެ 36 ދަރިވަރަކު ޑިގްރީ ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަރަނބޫދޫގައި މުސްތަޤުބަލް އެބައޮތް ކަމަށެވެ. އަދި ބޭނުން ވަނީ ޒަމާނަށް އަންނަ ބަދަލާއި އެކީގައި ރަށް ކުރިއަރުވާނެ ބަޔަކު ރަށުގައި ތިބުންކަމުގައިވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ދަރަނބޫދޫއަށް 2018 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ދެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދިވެސް ދަރަނބޫދޫގެ ރައްޔިތުން ބޭނުންވާނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވައި އެކަންކަން ޙިއްޞާކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރެއްވީ އެމްޓީސީސީއަށެވެ. މި މަޝްރޫއަށް ސަރުކާރުން 45.9 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވެ އެވެ.