އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުސޫމް އެމަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށްފަހު އެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަން ކަމުން މައުސޫމް އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ އެމަގާމަކީ އެމްޑީޕީގެ ސްލޮޓެއްގައި ލިބުނު މަގާމެއް ކަމަށްވާތީ އެވެ.

މައުސޫމް ވިދާޅުވީ އެމްޑީޕީން ވަކިވީ ޕާޓީގެ އަސާސްތައް ނެތުމުން ކަމަށެވެ.

މައުސޫމް އެމްޑީޕީގެ ސްލޮޓެއްގައި ފެން ކުންފުނީގެ ޗެއާމަން ކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ މަގާމުތަކުގައި ތިބެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ އެމްޑީޕީގެ މެމްބަރުން މަގާމުތަކުން ވަކިކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ހުރިހާ" އަށް ވިދާޅުވީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކަރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް މިއުވާން ވިދާޅުވި އެވެ.

އެމްޑީޕީގައި ތިބި ބައެއް މެމްބަރުން މިހާރު ގެންދަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.