ވެމްކޯގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީއަށް) ރައީސް އޮފީހުން ފޮނުވައިފި އެވެ.

މަނިކުއާއި އާމިލާ މަގާމުން ވަކިކުރަން ހުށަހެޅި އެ ދެބޭފުޅުން ވެސް ދަ ޑިމޮކްރެޓްސް އަށް ސޮއިކުރުމުންނެވެ.

ސަރުކާރު މަގާމުތަކުގައި ތިބެ އެމްޑީޕީން ވަކިވެގެން އެޕާޓިގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަނީ ވަކިކޮށްފަ އެވެ.

މިގޮތަށް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ވަކިކުރަނީ އެބޭފުޅުން މަގާމުގައި ތިއްބެވީ އެމްޑީޕީގެ ސޮލޮޓްތަކުގައި ކަމަށްވާތީ އާއި މިހާރު އެބޭފުޅުން އެޕާޓީން ވަކިވެފައިވާ ކަމަށް ޕާޓީން ބުނުމުންނެވެ.

އެމްޑީޕީގައި ތިބި ބައެއް މެމްބަރުން މިހާރު ގެންދަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކަރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް މިއުވާން ވިދާޅުވި އެވެ.