ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސް އަށް މެމްބަރުން ހަމަކޮށް ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އިން ބުނީ މާދަމާ ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އެމްޑީޕީ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގުމަށް ފަހު، އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ނަޝީދުގެ ސިޔާސީ ވާގިވެރިން ޕާޓީއެއް އުފެއްދި ނަމަވެސް އެމަނިކުފާނު އަދިވެސް އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭ ނަމަ، އެއީ ރައީސް ނަޝީދު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ބުނެފަ އެވެ.