ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ވިސްނަމުންދާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުން ވަކިކުރުމާމެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފަނުގެ އަމަލުތައް ހުރިގޮތުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ރައީސް ނަޝީދަކީ އަދިވެސް އެމްޑީޕީގެ ރައީސް ކަމަށާއި މެމްބަރުން އެމަނިކުފާނަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އެހެންވެ އަދި ކަމެއްވާއިރަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަކީ އެޕާޓީގެ ރޫހު ނޫން ކަމަށް ޝަފީގު ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ވިސްނަމުންދާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު އެޕާޓީ ދެބައިވެ ރައީސް ނަޝީދު ވަނީ ޕާޓީ ތެރެއިން ފިކުރެއްގެ ދިރުން ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ. އަދި އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން ވަނީ އެއްފަހަރާ ޕާޓީން ވަކިވެފަ އެވެ.

ރައީސް ނަޝީދު އެމަނިކުފާނު މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސް ނަމުގައި ވަކި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.