ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެ ޕާޓީން ހުށަހެޅުމަކީ ދުވަހަކުވެސް އުންމީދު ކުރެއްވި ކަމެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުނީ ރައީސް ނަޝީދުގެ "އާނ" ބަހާ އެކުގައިކަމަށެވެ.

އަދި އެޖެންޑާ 19 އިން މަޖްލިސް ހޮވީ ވެސް ރައީސް ނަޝީދު މަރުފަލިޖަހައިގެންކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ މިއަދު އެމްޑީޕީން އެމަނިކުފާނުގެ ކަރުގައި ވާޖަހައި ރައްޔިތުން ކުރިމަތީ ގަންހިންގަނީކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާތު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ޕީޖީން ނިންމާފައިވާއިރު އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ވަރަށް ސޮއި މިހާރު ވަނީ ހަމަކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. އެހެންވީމާ އެމައްސަލަ މަޖިލީހަށް ހުށަހެޅޭނީ 22 މެމްބަރުންގެ ސޮޔާއި އެކު އެވެ.