ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ނަގައިފި އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކުރި އެވެ. ނަމަވެސް މައްސަލަ އެޖެންޑާއިން ނެގީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރެވޭ އަދަދަށް އެމްޑީޕީގައި މެމްބަރުން އެބަތިއްބެވި އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.

އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.