ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އައިޝަތު ނުޒުހާ އެވެ.

މީގެ އިތުރުން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި އައިޝަތު ޝިހާބު ވަނީ ހުވާ ކުރައްވާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ގދ.ގައްދޫ، ހަނދުވަރީނާޒް، މުހައްމަދު ޝަނީޒް އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ މަހު 24 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 35 ވަނަ ބައްދަލުވުމުގަ އެވެ.

ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނުވަ އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އިރު ޝަނީޒްވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފަ އެވެ. ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމްގަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ފުވައްމުލަކު މާލެގަން، ފެނާތުރު، އާއިޝަތު ނުޒުހާ އައްޔަންކުރުމަށް ޖޭއެސްސީން ނިންމީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގަ އެވެ.

ނުޒުހާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް ޝަރިއާ އެންޑް ލޯ (ވިތު އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފަ އެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން ގެންދެވި އާއިޝަތު ނުޒުހާ ވަނީ ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވާފަ އެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މުސްތަރީގެ، ގއ. ވިލިނގިލި، އައިޝަތު ޝިހާބް އައްޔަންކުރުމަށް ނިންމާފައިވާނީ މި މަހު ހަތަރުވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 39 ވަނަ ބައްދަލުވުމުގަ އެވެ.

އައިޝަތު ޝިހާބް ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފަ އެވެ. ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އައިޝަތު ޝިހާބް ހުންނެވީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.