ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުނުކުރާނެ ޖުމްހޫރީ ޕާޓީން ރަސްމީކޮށް އަންގައިފި އެވެ.

މިހާރު ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ރައީސް ސޯލިހު ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ދައުވަތު ދެއްވާފަ އެވެ.

މިހާތަނަށް ވެސް ޖޭޕީ އިން ރަސްމީކޮށް ރައީސްގެ ސިޓީފުޅަށް ޖަވާބު ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ 2018 ގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށް ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އަދި 2008 ގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވަން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެ މަސައްކަތް ކުރި ގޮތަށް އެމްޑީޕީގެ ދެ ކެންޑިޑެޓުން ވެސް ދެ ފަހަރުމަތިން ވެސް އިންތިހާބުވި ކަމަށް ވިދާޅުވެފައިވެ އެވެ.

ގާސިމްގެ ސިޓީގައި ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު ވެސް އެމްޑީޕީގެ ކެންޑިޑޭޓް ވެރިކަމަށް ގެނައުމަށް ބައިއަތު ހިފައި ވެރިކަމަށް ގެނައުމަށް ތާއީދުކުރީ ރާއްޖޭގެ ސަރަހައްދާއި، މިނިވަންކަމާއި އިސްތިގުލާލާއި، ދިވެހީންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރައްޖޭގެ އިގްތިސާދު ހިމާޔަތްކޮށް ކުރިއަރުވައި، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ، ދެއްވި ޔަގީންކަމުގެ މައްޗަށް ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އެ ވައުދުތަކާމެދު މިހާތަނަށް އަމަލުކުރި ގޮތުން ޖުމްހޫރީ ޕާޓީ އިން ކެންޑިޑޭޓަކު ނެރެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ފާސްކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ކަމުގައި ގާސިމް ކަނޑައަޅައި އެކަން ފާސްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކާ ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ނިންމެވުން ތަންފީޒުކުރުމުގައި ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ." ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމް ވަނީ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕެއިން އިފްތިތާހްކުރުމުގެ ރަސްމިއްޔާތު މާދަމާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.