ދީނީ މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދުކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕޭން ކުރުމުގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ރިޔާސީ އިންތިހާބު 2023ގެ ގަވާއިދަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ޚުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ އެވެ.

ރިޔާސީ އިންތިހާބުގެ ގަވައިދުގައި އެފަދައިން ކަނޑައަޅާފައިވާއިރު މި ސަރުކާރުން ދީނީ އިލްމުވެރިންގެ އަޑުކަނޑުވަން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ކިޔަވައިދޭ ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ބުނެފައިވެ އެވެ.

ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީގެން ނުވާނެ ކަމަށާޢި ކެންޑިޑޭޓަކު ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެވަގުތަކާ ދިމާކޮށް އެހެން ކެންޑިޑޭޓަކު ބައްދަލުވުމެއް ބާއްވައިގެން ނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަވާއިދުގައި ވަނީ ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށްވެސް ބުނެފަ އެވެ. އަދި މާލީގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.