ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއް ކަމުގައި އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފައިވީ ނަމަވެސް އެކަން ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމު ކޮށްފަ އެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނީ އިލްމުވެރީން އިލްމީ ހަމަތައް ހިފަހައްޓާހާ ހިނދަކު ސިޔާސީ ވާހަކަ ދެއްކުން މަނާ ކުރެވޭނެ ހަމައެއް އަދި ސަބަބެއް ނެތް ކަމަށެވެ.

ދީނީ ދަރުސްތަކުގައި ސިޔާސީ ވާހަކަ އާއި ވަކި ޕާޓީ އެއްގެ ވާހަކަ އާއި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ވާހަކަ ދެއްކުމަކީ މާނާކަމެއް ކަމުގައި އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ހިމަނާފައިވަނީ ސީދާ ސަރުކާރުން އަޑީގައި ހޯމް މިނިސްޓަރު ހުންނަވައިގެން ޗާގޯސް މައްސަލާގައި ވާހަކަދައްކާނެ ކަމުގެ ބިރަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ސިޔާސީ ބޭފުޅުންގެ ވައުދުތަކާ މެދު ދަރުސްތަކުގައި ދީނީ އަދި އިލްމީ ނަޒަރަކުން ވާހަކަ ދައްކައެވެ. މި ގަވާއިދާއި އެކު އެފަދަ ވާހަކަ ދެއްކުން ހުއްޓޭނެ އެވެ.

ޗާގޯސް މައްސަލާގައި ވެސް ދީނީ އިލްމުވެރީން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.