ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއި އެކު އިދިކޮޅު މެމްބަރުންނަށް މަޖިލިސް ހަލަބޮލި ކުރުމަށް ރިޔާސަތުން ފުރުސަތުދީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ރިޔާސަތުން ފަސްޖެހިފައިވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބުނެފި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮސްފައިވާ މުހިންމު ބިލުތަކުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް އިދިކޮޅު ފަރަތްތަކުން މަޖިލިސް ހަލަބޮލި ކޮށްލާ މަޖިލިސް ހުއްޓަލަން ޖެހުމުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީ އިން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމަކާއި ގުޅޭގޮތުން ބަހުސް ކުރެވޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކަކީ އަބަދުވެސް މެދުނުކެނޑި ދެމި އޮންނާނެ ކޮމެޓީތަކެއް ކަމަށާ އަދި މަޖިލީހުން އެހެން ގޮތަކަށް ފާސް ނުކުރާހާ ހިނދަކު މެމްބަރުން އެކޮމެޓީތަކުގައި ދެމި ތިބޭނެ ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެ އެވެ.

އެހެންނަމަވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފުރިހަމަ އެއްބާރުލުން ދިނީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައާއި އިތުރު މައްސަލަތަކެއް އެޖެންޑާ ކޮށްފައި އޮތުމުން ކަމަށެވެ.

ޖަލްސާ އަށް މުހިންމު މައްސަލަތަކެއް ތާވަލު ކޮށްފައި ވަނިކޮށް މަޖިލިސް ކުރިއަށް ގެންދިއުން ހުއްޓުވާފައިވާ ކަމީ އެމްޑީޕީގެ ޕީޖީ ގުރޫން ކަންބޮޑުވާ ކަމެއް ކަމަށްވެސް އެޕާޓީން ބުނެ އެވެ.

މަޖިލީހުގެ ހުއްޓިފައިވާ ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލުމުގެ މައްސަލައަކީ މިވަގުތު މަޖިލިސް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮމެޓީތަކުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގައި ތަމްސީލުވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނާއި ތިން ފަހަރު މަތީން މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

މިމައްސަލާގައި މަޖިލީހުގެ އިދާރާއިން ދެގޮތެއް ހުށަހަޅާފައި ވަނިކޮށް އެއިން އެއްވެސް ކަމަކަށް ބަހުސް ކުރުމުގެ ފުރުސަތު ނުދީ މިއަދުގެ ޖަލްސާ ފެށުމާ އެކު އިދިކޮޅު މެމްބަރުންނަށް މަޖިލިސް ހަލަބޮލި ކުރުމަށް ރިޔާސަތުން ފުރުސަތުދީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ފަސްޖެހި މަޖިލީހުން ވަނީ މިއަދުގެ ޖަލްސާ ހުއްޓަލާފައި ކަމަށްވެސް އެބަޔާނުގައިވެ އެވެ.

މިއަދު މަޖިލީހުގެ އެޖެންޑާގައި ވަނީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށްޓަކާ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް އިސްލާހު ގެނައުމުގެ ބިލާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާ ފަންނުގެ ބިލަށް އިސްލާހުގެނައުމުގެ ބިލާ ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ބޭސްފަރުވާ ކުރުން ފަހިކޮށްދިނުމަށް ހުށަހަޅާފައިވާ ގަރާރަށް ވޯޓަށް އެހުން ހިމެނެ އެވެ.